ފޯރުކޮށްދެވޭ ޙިދުމަތްތައް

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ އިން ތިރީގައިވާ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 24 ވަނަ މާއްދާއިން ލާޒިމުކޮށްފައިވެއެވެ.

(ހ)    ރަށުގެ މަގު ހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުން.

(ށ)    އެކަށީގެންވާ ރައްކާތެރިގޮތުގައި ރައްޔިތުންނަށް އުނދަގޫ ނުފޯރާނެ ގޮތެއްގެމަތިން ރަށު ފެންވަރުގައި ކުނި ނައްތާލުން.

(ނ)   ބަނދަރު މަރާމާތުކޮށް ބެލެހެއްޓުމާއި ރަށުގެ ފާލަމާއި ފެރީ ޓާރމިނަލް ހަދައި ހިންގުން.

(ރ)    ދިވެހިރާއްޖޭގެ ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން ރަށް ގިރުން ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމާއި ރަށުގެ އެއްގަމުތޮއްޓާއި ކަނޑު ތޮށިގަނޑު މަރާމާތުކޮށް ބެލެހެއްޓުން.

(ބ)    ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކަރަންޓާ، ފެނާ، ފާޚާނާއާއި ނަރުދަމާގެ ނިޒާމު ފަދަ ޢާންމު ޚިދުމަތް ހިންގައި ބެލެހެއްޓުން.

(ޅ)    ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޕްރީ ސްކޫލްގެ ޚިދުމަތްތައް ދިނުމާއި، ބޮޑެތި މީހުންގެ ތަޢުލީމީ އަދި ފަންނީ ފެންވަރުމަތި ކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.

(ކ)    ރަށުގެ ލައިބްރަރީ ހިންގުމާއި ރަށުގެ ރަސްމީ ލޔުންތައް އަރުޝީފުކުރުމާއި ރަށުގެ ތާރީޚި އަދި ޤަދީމީ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު، ލައިބްރަރީގައި ބެލެހެއްޓުމާއި ޒަމާނީ އެކިއެކި ވަސީލަތްތަކުގެ އެހީގައި ލައިބްރަރީން އެކިއެކި މައުލޫމާތު ލިބޭނޭ އިންތިޒާމު ޤާއިމުކުރުން.

(އ)    އިޖުތިމާޢީ މަރުކަޒުތަކާއި ކުޅިވަރުކުޅޭ އާއްމު ދަނޑުތަކާއި ބިންތައް ބެލެހެއްޓުމާއި ކުޅިވަރުގެ ވަސީލާތްތަކާއި ޢާންމު ޕާކުތަކާއި މުނިފޫހިފިލުވުމާބެހޭ ޚިދުމަތްތަށް ފޯރުކޮށްދިނުން

(ވ)    ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން އިޖްތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތް ދޭނެ މަރުކަޒު ހިންގުމާއި ގޭތެރޭގައި ހިނގާ އަނިޔާތައް ހުއްޓުވުމަށް ފިޔަވަޅުއަޅުމާއި އެފަދަ ޢަމަލުތަކާ ގުޅިގެން އަނިޔާ ލިބޭފަރާތްތަކަށް ޚިމާޔަތްދީ އެހީތެރިކަން ފޯރުކޮށްދިނުމާއި މުސްކުޅިންނަށާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވެދީ އެފަދަ މީހުން ބެލެހެއްޓޭނެ ނިޛާމެއް ޤާއިމުކުރުން.

(މ)    ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން އަދި ރަށުގެ ލޭންޑް ޔޫސް ޕްލޭނާ ތަޢާރުޟުނުވާގޮތުގެ މަތިން، ރަށުބިންދޫކުރުމާއި ބިމާއި އިމާރާތް ރަޖިސްޓްރީކުރުމާއި ދިވެހިރާއްޖޭގެ އިމާރާތްކުރުމުގެ ޤަވާޢިދުތަކާއި ސަރުކާރުގެ މިނިސްޓްރީތަކުން ހަދާފައިވާ އެންމެހައި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިންރަށުގައި އިމާރާތުގެ ކަންކަން ބަލަހައްޓައި އެކިއެކި ފަރާތްފަރާތުން ރަށުގެ ބިމާގުޅޭގޮތުން ހިންގާ ބިމާބެހޭ އެންމެހައި މުޢާމަލަތުތަކުގެ ރެކޯޑްތައް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި މިނޫންވެސް ޤާނޫނުތަކުގައިވާ ގޮތުގެ މަތިން ބެލެހެއްޓުން.

(ފ)    ރަށުގެ ބިންބިމުގެ ދަފްތަރުއެކުލަވައި އެ ދަފްތަރު ބެލެހެއްޓުމާއި ބިމާބެހޭ ޤައުމީ ދަފްތަރު އެކުލަވައި ބަލަހައްޓާ އިދާރާއަށް ބޭނުންވާނެ މަޢުލޫމާތު ފޯރުކޮށްދިނުން.

(ދ)    މިސްކިތްތައް ބެލެހެއްޓުން.

(ތ)    ޤަބުރުސްތާނު ބެލެހެއްޓުމާއި ކަށުކަމާކެމީގެ ކަންތައް ކުރެވޭނެ ނިޒާމް ޤާއިމުކޮށްދިނުމާއި، ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން.

(ލ)    އާސާރީ ތަންތަން ބެލެހެއްޓުމާއި ޘަޤާފީ ކަންކަން ދިރުވައި ދެމެހެއްޓުން.

(ގ)    ދީނީ ގޮތުންނާއި ޤައުމީގޮތުން ފާހަގަކުރަންޖެހޭ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކޮށް، ދީނީ އަދި ޤައުމީ އިޙްތިފާލުތައް ބޭއްވުން.

(ޏ)   މަގުމަތި ކުނިކަހައި ސާފުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުން.

(ސ)    ރޭގަނޑު މަގުމަތި ދިއްލައި ބެލެހެއްޓުން.

(ޑ)    ޕެސްޓް ކޮންޓްރޯލް ކުރުން.

(ޒ)    ދިމާވާ ކުއްލި ނުރައްކާތެރި ޙާލަތްތަކުގައާއި ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމްކުރުން.

(ޓ)    ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން، ފިހާރަތަކާއި ހޮޓާތަކާއި ރެސްޓޯރެންޓްތަކާއި ކެފޭތަކާއި ގެސްޓްހައުސްތަކާއި ޢާންމު މާރުކޭޓުތަކުގެ ކަންކަން، ހުރޭތޯ ބަލައި، އިޞްލާޙީ ފިޔަވަޅުއެޅުން.

(ޔ)    މަގުމަތީގައި މީހުން ހިނގައިއުޅުމާއި މަގުމަތީގައި އިންޖީނުލީ އެއްޗެއްސާއި، އިންޖީނު ނުލާ ތަކެތި ދުއްވުމުގެ ކަންކަން ދިވެހިރާއްޖޭގެ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން އިންތިޒާމްކޮށް ބެލެހެއްޓުމާއި، ޢާއްމުންގެ އަތުން ފީނަގައިގެން، އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުން ދޭ ޚިދުމަތްތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިން އިންތިޒާމްކޮށް ބެލެހެއްޓުން.

(ޕ)    ޝަރުޢީ ކޯޓް ތަކުން ކުރާ ޙުކުމްތައް ތަންފީޛުކުރުމުގައި ޝަރުޢީ ކޯޓުތަކަށާއި ސަރުކާރުގެ އިދާރާތަކަށް އެހިތެރިވެދިނުން.

(ޖ)    ރަށުކައުންސިލްގެ ބާރުގެ ދާއިރާގައި ހިމެނޭ ކަންކަމާ ގުޅޭގޮތުންނާއި އެކިއެކި ޤާނޫނުތަކުގެ ދަށުން ރަށު ކައުންސިލާ ޙަވާލުކޮށްފައިވާ ކަންކަމާއި ގުޅޭގޮތުންނާއި ސަރުކާރުގެ އެކިއެކި ވުޒާރާތަކުން ކައުންސިލް މެދުވެރިކޮށް ދޫކުރަން ކަނޑައަޅާ ހުއްދަތައް ދޫކުރުމާއި، އެފަދަ ހުއްދަތައް ބާތިލްކުރުމާއި، ރަޖިސްޓްރީ ހަދައިދިނުމާއި ބާތިލްކުރުން.

(ޗ)   އަލަށް އުފަންވާ ކުދިންނާއި މަރުވާމީހުންގެ ރެކޯޑު ބެލެހެއްޓުމާއި ރަށުގެ ތަފާސްހިސާބު ނަގައި ބެލެހެއްޓުމާއި، އެރަށެއްގެ ރަޖިސްޓްރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި، ރަށްވެހިނުވެ ދިރިއުޅެމުންގެންދާ މިހުންނާއި، އަދި އެރަށެއްގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުން.

(ހހ)   ރަށުކައުންސިލުން ދޭންޖެހޭނެކަމަށް އެކިއެކި ޤާނޫނުތަކުގެ ދަށުން ކަނޑައަޅާ މިނޫންވެސް ޚިދުމަތްތައް ދިނުން.