ހޯރަފުށްޓަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ދިގު މުއްދަތެއްގައި ކޮށްދެއްވި އަލްމަރުޙޫމް އަޙްމަދު ނޫރީގެ ހަނދާން އާކުރުމުގެ ގޮތުން ހޯރަފުށީ ކައުންސިލުން އިންތިޒާމް ކޮށްގެން ތައުބީންގެ ޖަލްސާއެއް ބާއްވައިފި.

ހޯރަފުށްޓަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ދިގު މުއްދަތެއްގައި ކޮށްދެއްވި ހއ.ހޯރަފުށީ ކެނަރީގޭ އަލްމަރުޙޫމް އަޙްމަދު ނޫރީގެ ހަނދާން އާކުރުމުގެ ގޮތުން ހޯރަފުށީ ކައުންސިލުން އިންތިޒާމް ކޮށްގެން ތައުބީންގެ ޖަލްސާއެއް 21 އޭޕްރީލް 2017 ދުވަހުގެރޭ 08:15 ގައ ހއ.އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލުގައި ބާއްވައިފިއެވް. މިޖަލްސާ ކީރިތި ޤްރުއާނުގެ ބަރަކާތުން ފައްޓަވައި ދެއްވީ ހޯރަފުށީ މިސްކިތު އިމާމް އަލްފާޟިލް އިބްރާހީމް ޢާމިރުއެވެ. މިޖަލްސާ ތަޢާރަފްކޮށްދެއްވުމުގެ ގޮތުންނާއި މަރުޙަބާ ދެންނެވުމުގެ ގޮތުންނާއި އަދި މަރުޙޫމް އަޙްމަދު ނޫރީގެ ބައެއް ޚިދުމަތްތަކާއި ބެހޭގޮތުން ވަރަށް ތަފްޞީލްކޮށް ހޯރަފުށީ ކައުންސިލްގެ އިދާރާގެ ޒިންމާދާރުވެރިޔާ، އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ވަޙީދު އުޘްމާން ވާހަކަފުޅު ދެއްކެވިއެވެ. މިއަށްފަހު މަރުޙޫމް އަޙްމަދު ނޫރީގެ ހަޔާތްޕުޅުގެ މައްޗަށާއި ހޯރަފުށްޓަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތަކުގެ މައްޗަށް އިޖުމާލީ ގޮތެއްގައި ބައްލަވައި ލައްވާ ހއ. އަތޮޅު މަދަރުސާގެ ލީޑިން ޓީޗަރ އަލްފާޟިލް ޢަބްދުﷲ ޚަލީލް ވަރަށް އިބްރަތުން ފުރިގެންވާ ވާހަކަފުޅެއް ދެއްކެވިއެވެ. މިއަށްފަހު އަލްމަރުޙޫމް އަޙްމަދު ނޫރީގެ ހަނދާނުގައި މަޝްހޫރު ޅެންވެރިޔާ އުތީމް އަލްފާޟިލް އާދަމް އަބްދުއްރަޙްމާން މިޖަލްސާއަށް ޚާއްޞަ ކޮށްގެން ތައްޔާރުކޮށްދެއްވި ޅެން ހއ. ހޯރަފުށީ ރަތަން އަލްފާޟިލާ ފާޠިމަތު ރަޝްމާ ޢަލީ އާއި، ހއ. އަތޮޅު މަދަރުސާގެ ގްރޭޑް 9 ގެ ދަރިވަރު ހއ.ހޯރަފުށީ، ގުލްޒާރުގެ ހިޝްމަތު ހާޝިމް ހުށަހަޅުއްވައި ދެއްވިއެވެ. މިއަށްފަހު ހއ. ހޯރަފުށީ ކެނަރީގޭ އަލްމަރުޙޫމް އަޙްމަދު ނޫރީގެ ޙަޔާތްޕުޅާއި އަދި އަގުހުރި ޚިދުމަތްތަކާއި ބެހޭގޮތުން ހޯރަފުށީ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ އާރިފް ތައްޔާރުކޮށްދެއްވާފައިވާ ވަރަށް ތަފްޞީލީ ޕްރެޒެންޓޭޝަނެއް މިޖަލްސާގައި ދެއްކެވިއެވެ.

މިއާއެކު މަރުޙޫމް އަޙްމަދު ނޫރީގެ މުޅި ހަޔާތްޕުޅުގެ މައްޗަށާއި، ޚިދުމަތްތަކުގެ މައްޗަށް އަލި އަޅުވާލައްވައި ވަރަށް ތަފްސީލްކޮށް ހޯރަފުށީ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ އާރިފް ޢިބުރަތުން ފުރިގެންވާ ވާހަކަފުޅެއް ދެއްކެވިއެވެ. ކައުންސިލްގެ ރައީސްގެ ވާހަކަފުޅަށްފަހު މަރުޙޫމް އަޙްމަދު ނޫރީގެ އާއިލާގެ ފަރާތުން އޭނާގެ ލޮބުވެތި ކޮއްކޯފުޅު ހއ. ހޯރަފުށި، ކެނެރީގެ އަލްފާޟިލް އަރުސަލް ނުރީ މަރުޙޫމް އަޙްމަދު ނޫރީގެ ހަނދާން އައުކުރުމުގެ ގޮތުން ޝުޢޫރު ފާޅުކުރެއްވިއެވެ. އަރުސަލް ނޫރީގެ ވާހަކަފުޅުގައި އޭނާގެ ދޮންބޭބެ މަރުޙޫމް އަޙްމަދު ނޫރީގެ ހަނދާން އައުކުރުމުގެގޮތުން މިހާފުރިހަމަ ގޮތެއްގައި ތައުބީނުގެ ޖަލްސާއެއް ހޯރަފުށީ ކައުންސިލުން އިންތިޒާމްކޮށްދެއްވިތީ ހޯރަފުށީ ކައުންސިލްގެ ރައީސަށާއި، މެމްބަރުންނަށް އަދި ކައުންސިލް އިދާރާގެ އެންމެހާ އިދާރީ މުވައްޒަފުންނަށް ނުހަނު އިޚްލާޞްތެރި ކަމާއިއެކު ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވިއެވެ. މިއަށްފަހު މިޖަލްސާ ނިމިގެން ދިޔައީ ހޯރަފުށީ މިސްކިތު އިމާމު އަލްފާޟިލް އިބްރާހީމް ޢާމިރު ޤުރުއާން ކިޔަވައި ވިދާޅުވުމުންނެވެ. މިޖަލްސާއަށް ރަށުގެ ހުރިހާ މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުން އަދި ގިނަ ޢަދަދެއްގެ ރައްޔިތުން ކަޅުކުލައިގެ ހެދުން ތުރުކުރައްވައިގެން  ހާޟިރުވިކަން ފާހަގަކުރަމެވެ.