ރަށާއި ބެހޭ މަޢުލޫމާތު

  • ހޯރަފުށީ އިރުދެކުނު ފަރާތު މަތިން ނަގާފައިވާ ފޮޓޯއެއް - ފޮޓޯ: އަސަދުﷲ

ހޯރަފުށީގައި އެންމެ ފުރަތަމަވެސް މީހުން ދިރިއުޅެން ފެށިކަމަށް ބުނެވެނީ ތާރީޚަކީ ހިޖުރީ ސަނަތުން 1143 ވަނަ އަހަރުއެވެ. މިއަހަރުގެ ކުރިން ހޯރަފުށްޓަކީ ހޯރަ ދޫންޏާއި، އެހެން ބާވަތްތަކުގެ ގިނަ ޢަދަދެއްގެ ދޫނިތައް އަރައި އުޅުނު ފަޅުރަށެކެވެ. ހޯރަފުށީގައި ފުރަތަމަ އާބާދުވީ، ހޯރަފުށީ ފަޅުތެރޭގައި ރަށާ ދާދި ކައިރީގައި އޮތް ހުވަހަންދޫގައި ދިރިއުޅުނު މީހުންނެވެ. ބުނެވޭ ގޮތުގައި ހުވަހަންދޫގެ މީހުން ހޯރަފުށްޓަށް ބަދަލުވާންޖެހުނު ސަބަބަކީ ހުވަހަންދޫގައި މިނި ރޯނުވެ، އާބާދީ ދަށްވެ، ތަފާތު ރޯގާތަކުގައި މާގިނައިން މީހުން މަރުވާން ފެށުމެވެ.

ހޯރަފުށްޓަކީ މިހާރު އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށުގެ ތެރެއިން އާބާދީގެ ގޮތުން ދެ ވަނައަށް އެންމެ މީހުންގިނަ ރަށެވެ. ހޯރަފުށީގެ އާބާދީގައި މިހާރު 3330 މީހުން އެބަތިއްބެވެ. އެއީ 1635 އަންހެނުންނާއި، 1695 ފިރިހެނުންނެވެ. ހޯރަފުށި އޮންނަ ޕޮޒިޝަނަކީ ލެޓިޓިއުޑް 06-58N، ލޮންޖިޓިއުޑް 72-53E އެވެ. ހޯރަފުށީގެ ޖުމްލަ ބޮޑުމިނަކީ 63.5 ހެކްޓަރެވެ. ރަށުގައި މީހުން ދިރިއުޅޭ 525 ގެ ހުރެއެވެ. ހޯރަފުށްޓަކީ ކުރިމަގުގައި ފަސޭހަކަމާއެކު ބިން ބޮޑު ކުރެވޭ ގޮތަށް ވަރަށް ބޮޑު ތިލަ ފަޅެއްގެ ތެރޭގައި އޮތް ރަށެކެވެ. މިފަޅަކީ ހއ. ހުވަހަންދޫ އިން ފެށިގެން ހއ. އިންނަފިނޮޅާ ހަމައަށް ދިގު ދެމިފައިއޮތް ފަޅެކެވެ. މިފަޅުގައިވާ ހުރިހާ ރަށްރަށަކީ ޤުދުރަތީ ގޮތުން ދޮންވެލިން މުއްސަނދިވެފައިވާ ގޮނޑުދޮށްތަކަކާއި ރީތި ތުނޑިތަކެއްގެ މައްޗަށް އެކުލެވިފައިވާ ހިތްގައިމު ރަށްތަކެކެވެ. ހޯރަފުށިއޮތް ފަޅުތެރޭގައި ހޯރަފުށްޓާއެކު، އެއްރަށް އަނެއްރަށާއި ގުޅައިލެވޭގޮތަށް 09 ފަޅުރަށް އެބައޮތެވެ. އެއީ، ހއ. ހުވަހަންދޫއާއި، އުނގުލިފިނޮޅާއި، ވެލިފިނޮޅާއި، މާފިނޮޅާއި، އުމަރަތްފިނޮޅާއި، ހަތިފުށްޓާއި، މަތީރަށާއި އަދި އިންނަފިނޮޅެވެ. 2013 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައި ހޯރަފުށްޓާ ހާހެއްހާ ފޫޓް ދުރުގައި އޮތް ކުޑަފިނޮޅު ވަނީ ޤުދުރަތީ ގޮތުން ހޯރަފުށްޓާ ގުޅިފައެވެ.

ރަށުގެ މީހުން އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތްތަކަކީ، މަސްވެރިކަމާއި ތަފާތު ވަޒީފާތައް އަދާކުރުމާއި، ކޮންޓްރެކްޓް މަސައްކަތާއި، ފެހުމާއި އަދި ކުދި ވިޔަފާރި ކުރުމުގެ މަސައްކަތެވެ. ހޯރަފުށީގައި ދައުލަތުގެ މުއައްސަސާތަކުގެ ގޮތުގައި 07 މުއައްސަސާހުރެއެވެ. އެއީ، ހޯރަފުށީ ކައުންސިލްގެ އިދާރާއާއި، ހޯރަފުށީ މެޖިސްޓްރޭޓް ކޯޓާއި، ހއ. އަތޮޅު މަދަރުސާއާއި، ހޯރަފުށީ ޕޮލިސް ސްޓޭޝަނާއި، ހޯރަފުށީ ޞިއްޙީމަރުކަޒާއި، ހޯރަފުށީ އިންޖީނުގެއާއި، ހއ. ހޯރަފުށީ އެސްޓީއޯ ފިހާރައެވެ. ހޯރަފުށްޓަކީ ލަފާ ފުރުމުގައި އެއްވެސް ދަތިކަމެއް ނެތް ޒަމާނީފެންވަރަށް ހަދާފައިވާ 1209X300 ފޫޓުގެ ބަނދަރެއް އޮންނަ ރަށެކެވެ. ހޯރަފުށީގައި އާދަމްސަލީމް ހަނދާނީ ޕްރީސްކޫލްގެ ނަމުގައި އަންނަނީ އަމިއްލަފަރާތަކުން ޕްރީސްކޫލް ތަޢުލީމުގެ ޚިދުމަތް ދެމުންނެވެ.  އަދި ހޯރަފުށީގައި ހއ.އަތޮޅު މަދަރުސާގެ ނަމުގައި މެދުމަދަރުސީ ތަޢުލީމާއި، ޘާނަވީ ތަޢުލީމާއި، މަތިޘާނަވީ ތަޢުލީމް ފުޅާދާއިރާއެއްގައި ދެމުން ގެންދެއެވެ. އަދި ހޯރަފުށީގެ ތަޢުލީމީ ދަންމަރަށް ކަޅި ހިންގާލާއިރު ކީރިތިޤުރްއާންގެ ތަޢުލީމަކީވެސް އަމިއްލަ ފަރާތަކުން ވަރަށް އެދެވޭ ގޮތެއްގައި ކާމިޔާބުކަމާއެކު “ތަޢުލީމުލްބަޔާން” ގެ ނަމުގައި ދެމުން އަންނަ ޢިލްމެކެވެ. އަދި  ވިޔަފާރިޔާއި އިޤްތިޞާދަށް ބަލާލާއިރު ހޯރަފުށީގައި 46 ފިހާރައާއި، 02 ރެސްޓޯރެންޓާއި، 01 ހޮޓަލާއި، 02 ފާރމަސީ ހުރެއެވެ. މީގެ އިތުރުން މިރަށުގައި މަހަށް ފުރާ 07 އުޅަނދު އޮތްއިރު ކަނޑުގައި ދުއްވުމަށް ރަޖިސްޓަރ ކޮށްފައިވާ  17 އުޅަނދާއި، އެއްގަމުގައި ދުއްވާ 156 އުޅަނދު އޮވެއެވެ. އަދި ރަށުގެ މަގު ގޯޅިތަކާއި، ބަނދަރާއި، އިޖުތިމާޢީ ސަރަޙައްދު ދިއްލުމަށްޓަކައި 237 ބައްތި ބޭނުން ކުރެވެއެވެ. ރަށުގައި އުފެދޭ ކުނި ނައްތާލުމަށްޓަކައި، ރަށުގެ ދެކޮޅުގައި 02 ކުނިކޮށި ތައްޔާރުކޮށް ހަމަޖެހިފައިވާ އުޞޫލުގެ މަތިން އެކުނި ކޮށިތަކުގެ ބޭނުން ރަށުގެ ރައްޔިތުން ހިފަމުންދެއެވެ.

ދިރާގާއި، އުރީދޫގެ ފަރާތުން ރަށުގައި މޮބައިލް ފޯނުގެ ޚިދުމަތް ދެމުން ގެންދެއެވެ. އަދި އަމިއްލަ ދެ ކުންފުންޏަކުން ކޭބަލް ޓީވީގެ ޚިދުމަތް ދެއްވަމުން އަންނައިރު ޕީ.އެސް.އެމްގެ ފަރާތުން މިދާއިރާގެ ރަށްތަކަށް ސަރުކާރުގެ ޓީވީ ސިގުނަލް ދޫކުރުމަށްޓަކައި އެންޓަނާއެއް ޖަހައިގެން ދަނީ އެޚިދުމަތްދެމުންނެވެ. މީގެ އިތުރުން މިހާރު ހޯރަފުށީގައި އިންޓަރނެޓް ސަރވިސް ދަނީ ފުޅާދާއިރާއެއްގައި ވައިލެސްކޮށް ދެއްވަމުންނެވެ. ހޯރަފުށްޓަކީ ފެނަކަ ކޯޕަރޭޝަންގެ ފަރާތުން 24 ގަޑީއިރު ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ ރަށެކެވެ. ޖުމްލަ ގޮތެއްގައި ހޯރަފުށީގެ ރައްޔިތުންނަކީ ދީނީ، އިޖްތިމާޢީ، ޤައުމީ، ޘަޤާފީ ކަންކަމަށް ލޯބިކުރާ ބައެއްކަމުގައި ދަންނަވާލަން ޖެހެއެވެ. އަދި މީގެ އިތުރުން ތަރައްޤީގެ ބޮޑެތި ކަންކަމުގައި ހޯރަފުށީގެ ރައްޔިތުންނާއި ޒުވާނުންގެ އެހީތެރިކަން ލިބޭކަން އުފަލާއެކު ފާހަގަ ކުރަމެވެ.