ހޯރަފުށީގައި ތިބެގެން މަތީ ތަޢުލީމު ޙާޞިލުކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ތަނަވަސް ކޮށްދިނުމަށް ހޯރަފުށީ ކައުންސިލުން ނިންމައިފި

ހޯރަފުށީގައި ތިބެގެން މަތީ ތަޢުލީމު ޙާޞިލު ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ތަނަވަސްކޮށްދިނުމަށް ހޯރަފުށީ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައް ވިލަރެސްކޮށް ހިންގުމަށް ރަށުކައުންސިލުން އެކުލަވާލާފައިވާ ކޮމިޓީގެ ނަމްބަރު: 02/2017 ވަނަ ބައްދަލުވުމުން ނިންމާފައިވާ ދެފަރާތްކަމުގައިވާ ވިލާ ކޮލެޖާއި މެޕްސް ކޮލެޖާއި ހޯރަފުށީ ކައުންސިލާއި ގުޅިގެން ހޯރަފުށީގައި ކޯސްތައް ހިންގުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ދިނުމަށާއި، އަދި ކޮމެޓީން ނިންމާފައިވާ ގޮތުގެމަތިން އެމަސައްކަތް  ކުރިއަށް ގެންދިއުމަށް ފެންނަކަމަށާއި، މީގެ އިތުރުން ކޯސްތައް ހިންގާ ފަރާތަށް ހޯރަފުށީ ކައުންސިލުން ފޯރުކޮށްދޭ އެހީތެރިކަމުގެ ގޮތުގައި ކޯހުގައި ކިޔަވައި ދެއްވުމަށް ވަޑައިގަންނަވާ ބޭފުޅުން ރަށުގައި ތިއްބެވުމުގެ ކަންކަން (އެކޮމޮޑޭޝަން) އާއި، ފަރިއްކޮޅު ހަމަޖައްސައި ދިނުމަށާއި، ކަނޑު ދަތުރުތައް ހަމަޖެއްސުމުގައި ރަށު ކައުންސިލުން އެހީތެރިކަން ފޯރުކޮށްދިނުމަށް ފެންނަކަމަށާއި، ކޯސްތައް ހިންގާނެ ތަނެއްގެ ގޮތުގައި ހޯރަފުށީ ރައްޔިތުންގެ ރަށްވެހިގޭ (އޯކިޑްވިލާ) ގެ އައު ޢިމާރާތުގެ ކޮންފަރެންސް ރޫމް ހަމަޖެއްސުމަށް ފެންނަކަމަށް 05 އޭޕްރީލް 2017 ވަނަ ދުވަހު އޮތް ހޯރަފުށީ ކައުންސިލްގެ 14/2017 ވަނަ ޢާއްމު ބައްދަލުވުމުން ވަނީ ނިންމާފައެވެ.

މި ނިންމެވުމާއި ގުޅިގެން ވިލާ ކޮލެޖާއި މެޕްސް ކޮލެޖުން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް ނިންމުމަށްފަހު ކޯސްތައް ހިންގުމަށް ޙަވާލުކުރާނެ ކޮލެޖެއް ވަރަށް އަވަހަށް ހަމަޖެހިގެން ދާނެއެވެ.