ހޯރަފުށީ ކައުންސިލާއި، އެމް.އެން.ޑީ.އެފް ކޯސްޓްގާޑު ގުޅިގެން ނިޔަމިކަމުގެ ސަނަދު 2 ގެ ކޯހެއް ހޯރަފުށީގައި ހިންގަން ފަށައިފި.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާއިބެހޭ ޤަވާޢިދުގެ ދަށުން 01 ޖެނުއަރީ 2017 އިން ފެށިގެން ދިވެހިރާއްޖޭގެ ކަނޑުތަކުގައި ދަތުރުކުރާ އުޅަނދު ފަހަރުގެ ބޯޓް ކެޕްޓަނުންނަށް އަމާޒުކޮށްގެން “ނިޔަމިކަމުގެ ސަނަދު 2” ގެ ކޯސް ހޯރަފުށީގައި 03 އޭޕްރީލް 2017 ވަނަ ދުވަހު ފަށައިފިއެވެ. މި ކޯހަކީ ހޯރަފުށީ ކައުންސިލާއި އެމް.އެން.ޑީ.އެފް ކޯސްޓްގާޑު ގުޅިގެން ހޯރަފުށީ މަސްވެރިންނަށާއި، ކަނޑު އުޅަނދު ފަހަރު ދުއްވާ ފަރާތްތަކަށް ހިލޭ ސާބަހަށް ހިންގޭ ކޯހެކެވެ.

ނިޔަމިކަމުގެ ކޯސް 2 ހޯރަފުށީގައި ކުރިޔަށް ގެންދަނީ 03 ކްލާހަށް ބަހައިލައިގެން 03 އޭޕްރީލް 2017 ވަނަ ދުވަހުން ފެށިގެން 06 އޭޕްރީލް 2017 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކުވެސް މެންދުރުފަހު 2:00 ން ރޭގަނޑު 12:00 އަށެވެ. ހޯރަފުށީގައި މި ކޯސް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެން.އެން.ޑީ.އެފް ކޯސްޓްގާޑުގެ ޑިރެކްޓަރ ޖެނެރަލް މޭޖަރ އަޙްމަދު ފާޠިހެވެ.

ހޯރަފުށީ ކައުންސިލުން އިސް ނަގައިގެން އެމް.އެން.ޑީ.އެފް ކޯސްޓްގާޑުގެ އެހީތެރިކަމާއިއެކު ހިންގޭ މި ކޯހުގެ މަޤްޞަދަކީ މަސްވެރިންނާއި ކަނޑުދަތުރު ފަތުރުކުރާ ފަރާތްތަކުން އެ ބޭފުޅުންގެ މަސައްކަތް މެދުކަނޑާލުމަށްފަހު މާލެ ވަޑައިގެން ކޯހުގައި ބައިވެރިވެ ކޯސް ފުރިހަމަކުރުމުގައި ހުރި ދަތިތައް ފިލުވައިދީ، އަމިއްލަ ރަށުގައި ތިއްބަވައިގެން އެބޭފުޅުން އަމިއްލަފުޅަށް އެއްވެސް ޚަރަދެއްނުކޮށް ލުއިފަސޭހަ ކަމާއިއެކު ނިޔަމިކަމުގެ ސަނަދު 2 ޙާޞިލް ކުރުމުގެ މަގު ހޯރަފުށީގެ ރައްޔިތުންނަށް ފަހިކޮށް ދިނުމެވެ.

މި ކޯސް ފުރިހަމަކުރާ ފަރާތްތަކަށް އެން.އެން.ޑީ.އެފް ކޯސްޓްގާޑުން ދޫކުރާ ސެޓްފިކެޓަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރުމުން ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރެވޭނެއެވެ.